ހުއްދަ ނެތި، ބޮޑު އަގުގައި ބޭރު ފައިސާ ވިއްކުމުގެ ވިޔަފާރި ކުރާ ދެ ބިދޭސީއަކު ހައްޔަރު ކޮށްފި
ލިޔުންތެރިޔާ
ފުލުހުން ހައްޔަރު ކުރި އިންޑިއާ އާއި ބަންގްލަދޭޝްގެ މީހާ.
ހުއްދަ ނެތި، ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި ދެ ބިދޭސީއަކު ހައްޔަރު ކޮށްފި އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފައި ވަނީ، ދިވެހިރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ޤާއިމުކޮށްފައިވާ ހޮޓްލައިން އަށް ލިބުނު މައުލޫމާތާ ގުޅިގެން ފުލުހުން ކުރި މަސައްކަތުން، ހުއްދަ ނެތި އަދި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބިދޭސީ ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަަށެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައި ވަނީ އިންޑިއާ އަށް ނިސްބަތްވާ ޕްރަދީޕް ޗޯލަކޮޓިލް ސަންކަރަނާޔަނަން އާއި ބަންގްލަދޭޝް އަށް ނިސްބަތްވާ މުޙައްމަދު ރަސެލް މިއާ ނަމަކަށް ކިޔާ ދެ މީހުން ކަމަށެވެ. އެމީހުން ބަންދު ކޮށްފައި ވަނީ 2026 އޮކްޓޫބަރު 20 ވީ އަންގާރަ ދުވަހު ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
މީގެ މި މައްސަލައިގެ ތަހުގީގު ފުލުހުން މިހާރު ވެސް ކުރިއަށް ގެންދާއިރު، މި ދެ މީހުންނާ މެދު އަޅާނެ ފިޔަވަޅުތައް ނިންމާނީ ތަހުގީގަށް ލިބޭ އިތުރު މައުލޫމާތާއި ހޯދުންތަކުގެ މައްޗަށް ބިނާކޮށް ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ހަމައެހެންމެ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދޫކުރާ މަނީ އެކްސްޗޭންޖް ވިޔަފާރި ހިންގުމުގެ ލައިސަންސް ނެތި، ޤާނޫނާ ޚިލާފަށް ވިޔަފާރި އުސޫލުން ބޭރު ފައިސާ މާރުކުރުމުގެ އަމަލުތައް ހިންގާ ފަރާތްތަކާ ބެހޭ މައުލޫމާތު، އެފަދަ މައްސަލަތައް ތަހުގީގު ކުރުމަށް އެކުލަވާލާފައިވާ ޓާސްކްފޯސްއާ ހިއްސާކުރަން ބޭނުންވާ ފަރާތްތަކުން، ޓާސްކްފޯސްގެ އޮޕަރޭޝަންސް ނަންބަރު 9388733 އަށް މެސެޖު ކުރަމުން ގެންދިޔުމަށް ފުލުހުން ވަނީ އެދިފައި އެވެ.ދަންނަވަމެވެ.
ފުލުހުން ބުނެފައި ވަނީ އެ ނަންބަރަށް އެސްއެމްއެސްގެ އިތުރުން ވައިބާ އަދި ވަޓްސްއެޕް ފަދަ މެސެޖިން އެޕްލިކޭޝަންތައް މެދުވެރިކޮށް ވެސް މައުލޫމާތު ހިއްސާކުރެވޭނެ ކަމަށެވެ. އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް