ޕާކިސްތާން ދަތުރާއެކު ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވާނެ: ރައީސް މުޢިއްޒު
ލިޔުންތެރިޔާ
ޕާކިސްތާން އަށް ވަޑައިގެންނެވުމުން އެ ޤައުމުން ރައީސް މުޢިއްޒު އަށް މަރުޙަބާ ދަންނަވަނީ.
ޕާކިސްތާން އަށް ކުރައްވަމުން ގެންދަވާ ރަަސްމީ ދަތުރުފުޅުގެ ސަބަބުން ދިވެހިރާއްޖެ އާއި ޕާކިސްތާންއާ ދެމެދު ގޮތް ގުޅުން އިތުރަށް ބަދަަހިވެގެންދާނެ ކަމަށް ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ރަައީސް މުޢިއްޒު މިހެން ވިދާޅުވެފައި ވަނީ އަންގާރަ ދުވަހުގެ ރޭ ޕާކިސްތާން އަށް ވަޑައިގެންނެވުމަށް ފަހު، ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އެވެ. އެ ޕޯސްޓުގައި އެމަނިކުފާނު ވަނީ ޕާކިސްތާންގެ ފަރާތުން ދެންނެވި ހޫނު މަރުޙަބާ އަށް ޝުކުރު އަދާ ކުރައްވައިފަ އެވެ. ރައީސް ވިދާޅުވީ ރަސްމީ ދަތުރުފުޅެއްގައި ޕާކިސްތާން އަށް ވަޑައިގެންނެވުމަކީ އެމަނިކުފާނަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަަމަށެވެ.
މީގެ އިތުރުން އެ ޕޯސްޓުގައި ރައީސް މުޢިއްޒު ވިދާޅުވެފައި ވަނީ ރާއްޖެ އާއި ޕާކިސްތާންއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެ، ދެ ޤައުމުގެ ދެ މެދުގައި އެއްބާރުލުން އިތުރު ކުރުމަށް މުހިންމު ބައްދަލުވުން އަދި މަޝްވަރާތައް އެމަނިކުފާނުގެ ދަތުރުފުޅުގެ ތެރެއިން ކުރިއަށްދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ރައީސް މުޢިއްޒު ޕާކިސްތާނަށް ވަޑައިގެންނެވީ، އެ ޤައުމުގެ ބޮޑު ވަޒީރު ޝެހްބާޒް ޝަރީފްގެ ރަސްމީ ދައުވަތަކަށެވެ. މި ދަތުރުފުޅުގައި ރައީސް މުޢިއްޒު ޕާކިސްތާންގެ ރައީސް އާސިފް އަލީ ޒަރްދާރީ އަދި ބޮޑު ވަޒީރު ޝެހްބާޒް ޝަރީފްއާ ވެސް ބައްދަލު ކުރައްވާނެ އެވެ. އަދި ދެ ޤަައުމުގެ ދެ މެދުގައި މުހިންމު އެއްބަސްވުންތަކާއި، ފަހުމުނާމާ ތަކެއްގައި ސޮއި ކުރުން ވެސް ކުރިއަށްދާނެ އެވެ.
މިއީ ދިވެހިރާއްޖޭގެ ރައީސަކު ފާއިތުވި 10 އަހަރުގެ ތެރޭގައި ޕާކިސްތާނަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން ރައީސް މުޢިއްޒު ޕާކިސްތާނަށް ވަޑައިގެންފައި މި ވަނީ ރާއްޖެ އާއި ޕާކިސްތާންއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުނު މުނާސަބަތާ ވެސް ދިމާކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް