ގައުމީ ކެރަމް މުބާރާތުގެ ޓީމު އިވެންޓް ޗެމްޕިއަންކަން އައުޓްރޭޖާއި ވަލްޗާސް އަށް
ލިޔުންތެރިޔާ
ފައިނަލް މެޗުތަކުގެތެރެއިން -- ފޮޓޯ/ކެރަމް އެސޯސިއޭޝަން
ހުޅުމާލޭ ކެރަމް ހޯލުގައި ކުރިއަށްދިޔަ 35 ވަނަ ގައުމީ ކެރަމް މުބާރާތުގެ ޓީމު އިވެންޓްތަކުގެ ފިރިހެން ޑިވިޝަނުން އައުޓްރޭޖް ސްޕޯޓްސް ކުލަބާއި އަންހެން ޑިވިޝަނުން ކުލަބް ވަލްޗާސް ޗެމްޕިއަންކަން ހޯދައިފި އެވެ.
މުބާރާތުގެ ފިރިހެން ޑިވިޝަން ފައިނަލުގައި 2-1 ގެ ނަތީޖާއަކުން މޯލްޑިވްސް ކެރަމް އެކަޑެމީ (އެމްސީއޭ) ބަލިކޮށް އައުޓްރޭޖުން ޗެމްޕިއަންކަން ހޯދިއިރު، ފައިނަލްގެ ފުރަތަމަ ސިންގަލްސްގައި ޖުގާލް ވަނީ ފަހަތުން އަރައި 2-1 ސެޓުން އެމްސީއޭގެ މުންތަސިރު ބަލިކޮށްފައެވެ. އަދި ދެވަނަ ސިންގަލްސްގައި އައުޓްރޭޖުގެ މައިޝާން ވެސް ފަހަތުން އަރައި 2-1 ސެޓުން ރުޝްދީ ބަލިކުރިއިރު، ތިންވަނަ ގޭމުގެ ޑަބަލްސް މެޗު ކާމިޔާބުކޮށް އެމްސީއޭއިން ނަތީޖާގެ ފަރަގު ކުޑަކުރި އެވެ.
މި ޑިވިޝަންގެ ތިންވަނަ ޕޮލިސް ކްލަބް ހޯދީ އޮޑި ސްޕޯޓްސް ކުލަބު 2-1 އިން ބަލިކޮށްގެންނެވެ. ޖުމްލަ ނުވަ ޓީމު ވާދަކުރި މި ޑިވިޝަން ކުރިއަށްދިޔައީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ.
އަންހެން ޑިވިޝަން ފައިނަލުގައި ލެގޫންސް ސްޕޯޓްސް ކުލަބާ ވާދަކޮށް ކުލަބް ވަލްޗާސް އިން ވަނީ ސީދާ 3-0 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްފަ އެވެ. މި ފައިނަލުގެ ސިންގަލްސް މެޗުތައް ވަލްޗާސްގެ ނަހުފާ އާއި ވިދާދު ކާމިޔާބުކުރިއިރު، ޑަބަލްސް މެޗު ކާމިޔާބުކޮށް ވަލްޗާސްގެ ޒުލްފިޝާން އާއި ކައިސާގެ ޕެއާ ވަނީ ކާމިޔާބީ ފުރިހަމަކޮށްފަ އެވެ.
އަންހެން ޑިވިޝަންގެ ތިންވަނަ ހޯދީ އޮޑި ސްޕޯޓްސް ކުލަބެވެ. ފަސް ޓީމު ވާދަކުރި އަންހެން ޓީމު އިވެންޓް ކުރިއަށް ދިޔައީ ލީގު އުސޫލުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް