ދޮގު ޚަބަރު ފަތުރައިގެން ގެއްލުން ވާނީ ރާއްޖެ އަށް، ޤާނޫނާ ޚިލާފު އެއްވެސް ކަމެއް ރާއްޖޭގައި ނުހިންގޭނެ: މިނިސްޓަރު ސައީދު
ލިޔުންތެރިޔާ
އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު
ދޮގު ޚަބަރު ފަތުރައިގެން ރާއްޖެ އަށް ލިބޭނީ ގެއްލުން ކަމަށާއި، ޤާނޫނު އަސާސީއާ ޚިލާފު އެއްވެސް ކަމެއް ރާއްޖޭގައި ނުހިންގޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ސައީދު ވިދާޅުވީ، ރާއްޖޭގައި އިންވެސްޓު ކުރަން އަންނަ އިންވެސްޓަރުންނަށް އަމާޒުމޮށް ދޮގު ވާހަކަތައް ފެތުރުމާއި، އެމީހުންނަށް ބިރު ދެއްކުން ހުއްޓާލުމަކީ ޤައުމުގެ ކުރިމަގަށްޓަކައި ކުރަން ޖެހޭ މުހިންމު ކަމެއް ކަމަށެވެ.
މީގެ އިތުރުން ދުނިޔޭގެ ވިޔަފާރީގެ ވާދަވެރިކަމުގައި އެފަދަ ކަންކަމުން ފައިދާ ނަގަން ބޭނުންވާ ފަރާތްތަކަށް، އެފަދަ ދޮގު ވާހަކަތައް ވާނީ ހިތްގައިމު މިޔުޒިކަކަށް ކަމަށް ވެސް މިނިސްޓަރު ސައީދު ވިދާޅުވި އެވެ. އަދި ޤަބޫލު ކުރަން ދަތި ވިޔަސް، ދިވެހިރާއްޖޭގެ އިޤްތިސާދުގެ މައިތަނބަކި ޓޫރިޒަމް ކަމަށާއި، ޓްރެވަލް އަދި ޓޫރިޒަމް އިންޑަސްޓްރީގެ ޓްރެންޑަކީ ބަދަލުވަމުން “އިވޯލްވް” ވަމުންދާ އެއްޗެއް ކަމަށް މިނިސްޓަރު ސައީދުގެ ޕޯސްޓުގައި ފާހަގަ ކުރައްވާފައިވެ އެވެ.
އެއީ ޓޫރިޒަމްގެ ޚަޤީޤަތް ކަމަށާއި، ނަފުރަތާއި ދޮގާއި ހަސަދަ އިން އެ އިންޑަސްޓްރީ ބިނާ ނުކުރެވޭނެ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވި އެވެ. ހަމައެއާ އެކު ރާއްޖޭގައި ހިނގާނީ ރާއްޖޭގެ ޤާނޫނު ކަމަށާއި، ރާއްޖޭގެ ޤާނޫނު އަސާަސީއާ ޚިލާފު އެއްވެސް ކަމެއް ރާއްޖޭގައި ނުހިންގޭނެ ކަމަށް ވެސް މިނިސްޓަރު ސައީދު ވިދާޅުވި އެވެ.
މިނިސްޓަރު ސައީދުގެ ޕޯސްޓު ނިންމަވާލައްވަމުން ވަނީ ކަންކަމުގެ ޙަޤީޤަތް ބެއްލެވުމުގެ ބަދަލުގައި، ދޮގު ހަބަރާއި ނަފުރަތު ފެތުރުން ހުއްޓާލުމަށް އިލްތިމާސް ކުރައްވައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް