އޮޑި އަތުން ވެސް ނިއު ސަލާމަތްވީ ކިރިޔާ
ލިޔުންތެރިޔާ
ނިއުގެ ނިޒާމް އޮޑީގެ ކުޅުންތެރިޔާއަށް ހުރަސް އަޅަނީ -- ފޮޓޯ/އެފްއޭއެމް
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ރޭ އޮޑި ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު ވަގުތު ޖެހި ލަނޑަކުން 2-2 ގެ ނަތީޖާއަކުން ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުން މެޗު އެއްވަރު ކޮށްފި އެވެ.
މި މެޗުގެ ކުރިން ދިއްދޫ ސްޕޯޓްސްއާ ދެކޮޅަށް ކުޅުނު މެޗާއި މާޒިޔާއާ ދެކޮޅަށް ކުޅުނު މެޗުގައިވެސް ފަހު ވަގުތު ލަނޑުޖަހައި ނިއުއިން ވަނީ މެޗުގެ ނަތީޖާ ބަދަލުކޮށްލާފައެވެ.
ގަލޮޅު ދަނޑުގައި ކުޅުނު މި މެޗު ފަށައިގެން އޮޑިން ވަނީ ނިއުގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ. އެގޮތުން، ފުރަތަމަ ހާފުގައި އޮޑީގެ އަހުޒަމް ރަޝީދު (އަހޫ) ފޮނުވާލި ހަމަލާއެއް ގޯލުގެ ހުރަސްދަނޑިއަށް އަމާޒުވިއިރު، އޭނާއާއި އިބްރާހިމް ވަހީދު ހަސަން (އިއްބެ) ފޮނުވާލި ހަމަލާތައް ނިއުގެ ކީޕަރު އަހުމަދު ސަމީރު ވަނީ މަތަކޮށްފައެވެ. ނިއުއަށްވެސް ފުރަތަމަ ހާފުގައި ލީޑުނަގައިދޭން ޑޮރިއެލްޓަން ގޯމޭސް (ޑޯރީ) އާއި ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އަށް ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް، ކީޕަރު އަޝްވާން ވަނީ ހުށިޔާރުކަމާއެކު އެ ހަމަލާތައް ދިފާއުކޮށްފަ އެވެ.
ދެވަނަ ހާފު ފެށިގެން 25 ސިކުންތު ތެރޭގައި، ހަނި އޭންގަލަކުން ގޯލަށް ބޯޅަ ވައްދާލައިގެން އަހޫ ވަނީ އޮޑިއަށް ލީޑުނަގައިދީފަ އެވެ. ނަމަވެސް އޭގެ ތިން މިނިޓު ފަހުން ސެންޓޭ ނެގީ ހުރަހަކުން ޑޯރީ ބޮލުން ޖެހި ގޯލަކުން ނިއުއިން ނަތީޖާ ހަމަހަމަކުރިއެވެ. އޮޑި އަލުން ލީޑު ހޯދީ މެޗުގެ 56 ވަނަ މިނިޓުގައި އައިހު ނެގި ހުރަހަކަށް އަރައި މުޒްދާން ހަސަން ޖަހައިދިން ލަނޑުންނެވެ.
އޮޑި މޮޅުވާން ދަނިކޮށް، މެޗުގެ ފުރިހަމަ ވަގުތުގެ ފަހު މިނިޓުގައި ނާއިމް ނެގީ ކޯނަރަކުން އަމްދާން އަލީ (އެންޑީ) ބޮލުން ޖެހި ގޯލަކުން ނިއުއިން ވަނީ އަނެއްކާވެސް ފަހު ވަގުތު މެޗު ސަލާމަތް ކޮށްފަ ފައެވެ.
މި މެޗުން ލިބުނު ޕޮއިންޓާއެކު ނިއު އޮތީ ހަތަރު މެޗުން ބަލި ނުވެ ލިބުނު އަށް ޕޮއިންޓާއެކު ލީގުގެ ތިންވަނައިގަ އެވެ. އަދި ހަތަރު މެޗުން ލިބުނު ހަތް ޕޮއިންޓާއެކު އޮޑި ހަތަރުވަނައިގައި އޮތްއިރު، ލަނޑުގެ ތަފާތުން މާޒިޔާ އޮތީ ފަސްވަނައިގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް