އަންނަ އަހަރުން ފެށިގެން ޙައްޖުވެރިންގެ މެޑިކަލް ޗެކަޕް ހިލޭ ހެދޭނެ
އަޙުމަދު ޝައިމަން
ލިޔުންތެރިޔާ
ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަލްއުސްތާޛް މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް.
ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރަން ދާ ފަރާތްތަކުން ހަދަން ޖެހޭ މެޑިކަލް ޗެކަޕް، އަންނަ އަހަރުން ފެށިގެން ހިލޭ ހެދޭނެ ނިޒާމެއް ސަރުކާރުން ނިންމައިފި އެވެ.
ދައުލަތުގެ މީޑިއާ އިން ގެނެސްދޭ ރާއްޖެ މިއަދު ޕްރޮގްރާާމްގައި ބައިވެރިވެ ވަޑައިގެން ވާހަކަ ދައްކަވަމުން ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަލްއުސްތާޛް މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް ވިދާޅުވީ، ޙައްޖުވެރިން ޙައްޖަށް ދިޔުމުގެ ކުރިން މެޑިކަލް ޗެކަޕް ހެދުމަކީ މަޖުބޫރު ކަމެއް ކަމަށެވެ. އަންނަ އަހަރުން ފެށިގެން އެ މެޑިކަލް ޗެކަޕް ހިލޭ ހެދޭނެ ނިޒާމެއް ޤާއިމު ކުރުމަށް ޙައްޖު ކޯޕަރޭޝަން އާއި ހެލްތު މިނިސްޓްރީ އަދި އާސަންދަ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފިރުޒުލް ވިދާޅުވި އެވެ.
ފިރުޒުލް ވިދާޅުވީ ޙައްޖަށް ދިޔުމުގެ ކުރިން ކޮންމެ ބޭފުޅަކު ވެސް މެޑިކަލް ޗެކަޕް ހެދުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، ކުރީ ބައިގައި އެކަމަށް ތައްޔާރުވުމަށް އިސްކަން ދޭން ޖެހޭ ކަަމަށެވެ. ހަމައެހެންމެ، މިހާރު އެކަން ކުރުމަށް ކަނޑައެޅިފައި އޮތް ނިޒާމަށް ވުރެ، ރަނގަޅު ނިޒާމެއް ކަނޑައަޅުއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ ޙައްޖުގެ ތެރެއިން ދިމާވެދާނެ ކަމަކަށް ތައްޔާރުވުމަށް މުހިންމު ކަމެއް ކަމަށް ފިރުޒުލް ވިދާޅުވެފައިވެ އެވެ.
އެކަމުގެ ތަފްސީލުތައް ދެއްވަމުން ފިރުޒުލް ވިދާޅުވީ، އަންނަ އަހަރުން ފެށިގެން މެޑިކަލް ޗެކަޕް ހެދުމަށް އެއްވެސް ބޭފުޅެއްގެ އަމިއްލަ ޖީބުން ފައިސާ ޚަރަދުކުރަން ނުޖެހޭނެ ކަމަށެވެ. އެހެން ނަމަވެސް، ރަނގަޅު އަދި ހަރުދަނާ ނިޒާމެއްގެ ތެރެއިން ޙައްޖުވެރިންގެ މެޑިކަލް ޗެކަޕް ހެދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ފިރުޒުލް ވިދާޅުވި އެވެ.
ދާދި ފަހުން ޙައްޖު ކޯޕަރޭޝަން އިން ވަނީ، އެ ކޯޕަރޭޝަންގެ ޚަރަދުގައިި އުމްރާ އަށް ދާ ފަރާތްތަކަށް އިތުރު އަގަކާ ނުލައި ވެކްސިން ޖެހޭނެ އިންތިޒާމު ވެސް ހަމަޖައްސައިފަ އެވެ. އެގޮތުން އެ މީހަކާ އެންމެ ކައިރީ ޞިއްޙީ މަރުކަޒަކުން ވެކްސިން ޖެހޭނެ ކަމަށް އެ ކޯޕަރޭޝަން އިން ވަނީ ބުނެފައި އެވެ.
މީގެ އިތުރުން ހޯމަ ދުވަހު އިސްލާމިކް މިނިސްޓްރީ އާއި ޙައްޖު ކޯޕަރޭޝަން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ، ޙައްޖަށް ދިޔުމަށް ފައިދާ ދައްކާފައިވާތާ ތިން އަހަރުވެފައިވާ ފަރާތްތަކުގެ ތެރެއިން، އުމުރުން 70 އަހަރުން މަތީގެ އެންމެނަށް ޙައްޖުގެ ފުރުސަތު ދިނުމަށް ނިންމައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް