Article Top
ޚަބަރު •

ހަނގުރާމައިގެ ސަބަބުން ގޭސް ލިބުމުގައި ދަތިވެ، ފުޅިއަށް އަޅާ މިންވަރު ބަދަލުކުރަނީ

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

ހަނގުރާމައިގެ ސަބަބުން ގޭސް ލިބުމުގައި ދަތިވެ، ފުޅިއަށް އަޅާ މިންވަރު ބަދަލުކުރަނީ

މޯލްޑިވް ގޭސް --

ރާއްޖެއަށް ގޭސް އެތެރެކުރުމަށް ދަތިތަކާ ކުރިމަތިލާން ޖެހުނު ކަމުގައި ވިޔަސް، ގޭހުގެ އަގު އުފުލުމުގެ ބަދަލުގައި ސިލިންޑަރުތަކަށް އަޅައިދޭ ގޭހުގެ ބަރުދަން ވަގުތީގޮތުން މަދުކުރުމަށް ނިންމާފައިވާ ކަމަށް މޯލްޑިވްސް ގޭސްއިން ހާމަކޮށްފި އެވެ.

އެ ކުންފުނިން އިއްޔެ އާންމުކުރި އިއާލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ބައިނަލްއަޤްވާމީ މާކެޓުގައި ގޭހުގެ އަގުތައް ވަނީ މައްޗަށް ގޮސްފައެވެ. އަދި މީގެ ސަބަބުން ރާއްޖެއަށް ބޭނުންވާ ގޭސް އެތެރެކުރުމުގައިވެސް ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި އެވެ.

ދުނިޔޭގެ ބާޒާރުގެ މި ހާލަތާއި އެތެރެކުރުމުގެ ދަތިތަކަށް ރިއާޔަތްކޮށް، ގޭސް ފުޅިތަކަށް ގޭސް އަޅައިދޭ މިންވަރަށް އަންނަ އާދިއްޔަ ދުވަހުން ފެށިގެން ބަދަލު ގެނައުމަށް އެ ކުންފުނިން ވަނީ ކަނޑައަޅާފައި އެވެ.

މި ނިންމުމާ އެއްގޮތަށް، 10 ކިލޯގެ ފުޅިއަކަށް ދެން އަޅައިދޭނީ 7 ކިލޯގެ ގޭހެވެ. އަދި 22 ކިލޯގެ ފުޅިއަކަށް 14 ކިލޯ ގޭސް އެޅުމަށް ހަމަޖެހިފައިވާއިރު، 45 ކިލޯގެ ބޮޑު ސިލިންޑަރަކަށް އަޅައިދޭނީ 31 ކިލޯގެ ގޭހެވެ.

ފުޅިތަކަށް އަޅާ މިންވަރަށް ބަދަލު ގެނައި ނަމަވެސް، ގޭހުގެ އަސްލު އަގަށް އެއްވެސް ބަދަލެއް ނުގެންނަ ކަމަށާއި، ކަސްޓަމަރުން އަތުން ފައިސާ ނަގާނީ މިހާރު ވެސް ކި ލޯއަކަށް ކަނޑައަޅާފައިވާ ރޭޓުން ކަމަށް މޯލްޑިވްސް ގޭސްއިން ފާހަގަކުރި އެވެ.

ބައިނަލްއަޤްވާމީ ބާޒާރުގެ އޮއިވަރާއި އެތެރެކުރުމުގެ ހުރަސްތަކުން ޢާންމު ރައްޔިތުންނަށް ކުރާ އަސަރު ކުޑަކުރުމުގެ މަޤްސަދުގައި، ގޭސް ރައްކާކުރެވޭ ކެޕޭސިޓީ ފުޅާކުރުމުގެ އަމަލީ މަސައްކަތް މިހާރުވެސް ފަށާފައިވާކަން އެ ކުންފުނިން ހާމަކުރި އެވެ. އަދި އެ މަޝްރޫޢު ނިމުމުން، ޖުމްލަ 3 މަސްދުވަހަށް ބޭނުންވާ މިންވަރަށް އެއްފަހަރާ ގޭސް ރައްކާކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ އެވެ.

ކުންފުނިން އިތުރަށް ބުނި ގޮތުގައި، ގޭސް ސްޓޮކްކުރެވޭ މިންވަރު އިތުރުކުރެވުމާއެކު، ސަޕްލައިއަށް ދިމާވާ ދަތިތަކާއި ސިލިންޑަރުތަކަށް އަޅާ މިންވަރު މަދުކުރަންޖެހޭ މިފަދަ ޙާލަތްތަކަށް އެދެވޭ ދާއިމީ ޙައްލެއް ލިބިގެންދާނެ އެވެ.


ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް