ނަޞްރުގެ ދުވަހު ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދު ވަކި ވަގުތު ތަކަށް ބަންދު ކުރަނީ
ލިޔުންތެރިޔާ
ޖުމްހޫރީ މައިދާން ސަރަހައްދު.
ނަޞްރުގެ ދުވަހު ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދު ވަކި ވަގުތު ތަކެއްގައި ބަންދު ކުރުމަށް ނިންމާފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފި އެވެ.
ފުލުހުން ބުނީ ނަޞްރުގެ ދުވަހުގެ ހަރަކާތްތަކާ ގުޅިގެން ޓްރެފިކް ފްލޯ އަށް ބަދަލުތަކެއް ގެންނަ ކަމަށެވެ. އެގޮތުން 2026 ނޮވެމްބަރު 3 ވާ އަންގާރަ ދުވަހު ޖުމްހޫރީ މައިދާނާއި، ޝަހީދުންގެ ބިނާ އަދި އިސްލާމީ މަރުކަޒު ހިމެނޭ ސަރަހައްދުގެ މަގުތަކާއި ކަނޑުގެ ސަރަހައްދު ބަންދު ކުރުމަށް ވަނީ ހަމަޖެހިފައި އެވެ.
އެގޮތުން މަގުތަކާއި ފަޅު ބަންދުކުރެވޭ ވަގުތުތަކަކީ:
ޖަމާއަތުގައި ކުރެވޭ ފަތިސް ނަމާދު: ފަތިހު 04:00 އިން ފެށިގެން ނަމާދު ނިމެންދެން، އިސްލާމީ މަރުކަޒު ހިމެނޭ ސަރަހައްދުގެ މަގުތައް އެއްގަމު ދަތުރު ފަތުރަށް ބަންދުކުރުން.
ޝަހީދުންގެ ބިނާގައި ދިދަ މައުންޓްކުރުން: ފަތިހު 04:00 އިން ފެށިގެން ރަސްމިއްޔާތު ނިމެންދެން، ޝަހީދުންގެ ބިނާ އަދި އިސްލާމީ މަރުކަޒު ހިމެނޭ ސަރަހައްދުގެ މަގުތައް އެއްގަމު ދަތުރު ފަތުރަށް ބަންދުކުރުން.
މިލިޓަރީ ޑިސްޕްލޭ: މެންދުރު ފަހު 13:30 އިން ފެށިގެން ރަސްމިއްޔާތު ނިމެންދެން، ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދުގެ މަގުތަކުގެ އިތުރުން ފަޅާއި ކަނޑުގެ ސަރަހައްދު ބަންދުކުރުން.
ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާ: ހަވީރު 18:30 އިން ފެށިގެން ޖަލްސާ ނިމެންދެން، ޖުމްހޫރީ މައިދާން ވަށައިގެންވާ މަގުތަކާއި، އެ ސަރަހައްދުގެ ފަޅު ބަންދުކުރުން.
މީގެ އިތުރުން ފުލުހުން ބުނީ މި ބަދަލުގެ ސަބަބުން ދަތުރު ފަތުރު ކުރާ ފަރާތްތަކާއި، އާންމު ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި މައާފަށް އެދޭ ކަމަށެވެ. އަދި މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން އަބަދު ވެސް ލިބެމުންދާ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް