ޚަބަރު

ބުޅާތައް ބެލެހެއްޓުމަށް ކެޓް އައިލެންޑެއް ތަރައްޤީ ކުރަނީ

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ބުޅާތައް ބެލެހެއްޓުމަށް ކެޓް އައިލެންޑެއް ތަރައްޤީ ކުރަނީ

ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޝިޔާމް ވާހަކަ ދައްކަވަނީ.

ބުޅާތައް ބެލެހެއްޓުމަށްްޓަކައި ކެޓް އައިލެންޑެއް ތަރައްޤީ ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށް، ފިޝަރީޒް މިނިސްޓަރު އަޙުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝިޔާމް ވިދާޅުވީ، ސަރުކާރުން އެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެކަމުގެ ވަރަށް ރަނގަޅު ޕްރޮޕޯސަލެއް ވެސް ލިބިފައިވާ ކަމަށެވެ. އަދި އެ ޕްރޮޕޯސަލް ރިވިއު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައި އެވެ.

މިނިސްޓަރު ވިދާޅުވީ އެ ޕްރޮޕޯސަލް ލިބިފައި ވަނީ އިންޓަނޭޝަނަލް ޕާޓީ އަކުން ކަމަށެވެ. އެ މަޝްރޫއަކީ ކާމިޔާބު މަޝްރޫއަކަށް ވެއްޖެ ނަމަ، އެއީ ބުޅާ ކޮމިއުނިޓީ އަށް ލިބިގެންދާނެ ވަރަށް އުފާވެރި ޚަބަރެއް ކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވެފައިވެ އެވެ. ރާއްޖެ ކަހަލަ ޤައުމެއްގައި މިފަދަ ފެސިލިޓީއެއް ޒަމާނީ ޚިދުމަތްތަކާ އެކު ޤާއިމު ކުރެވިއްޖެ ނަމަ، އިންޓަނޭޝަނަލް ކޮމިއުނިޓީ އަށް ވެސް ބޮޑު ހިތްހަމަ ޖެހުމެއް ލިބޭނެ ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޝިޔާމް ވަނީ، ހުޅުމާލޭގައި ޤާއިމު ކޮށްފައިވާ ކެޓް ޝެލްޓަރގައި ހުރި ބުޅާ ތަކުގެ އަދަދު ވެސް ހާމަ ކުރައްވައިފަ އެވެ. މިވަގުތު ޝެލްޓަރުގައި 281 ބުޅާ ތިބިއިރު، އޭގެ ތެރެއިން 35 ބުޅަލަކީ ނިމުނު އޯގަސްޓު މަހުގެ ތެރޭގައި ގެނެސްފައިވާ ބުޅާ ތަކެވެ. މީގެ އިތުރުން 12 ބުޅަލެއް ވަނީ ސްޓެރިލައިޒްކުރެވިފައި އެވެ.

މިހާރު ހުރި ކެޓް ޝެލްޓަރ އިތުރަށް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، އެ މަސައްކަތް ނިމުމާއެކު ޝެލްޓަރގެ ކެޕޭސިޓީ، ނުވަތަ ޚިދުމަތް ދެވޭ މިންވަރު 500 އަށް އިތުރުވެގެން ދާނެ ކަމަށް ވެސް މިނިސްޓަރު ޝިޔާމް ވަނީ ފާހަގަ ކުރައްވައިފަ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް