ދަނޑުވެރިކަމުގެ ބިޔަ މަޝްރޫއެއް ހިންގަން ކާށިދޫން ބިމެއް ބޭރު ކުންފުންޏަކަށް
މުހައްމަދު ސުއައިދު
ލިޔުންތެރިޔާ
މިނިސްޓަރު ޝިޔާމް ވާހަކަދައްކަވަނީ --- ފޮޓޯ/ ރައީސް އޮފީސް
ދަނޑުވެރިކަމުގެ ބިޔަ މަޝްރޫއެއް ހިންގަން ކ. ކާށިދޫން ބޮޑު ބިމެއް ބޭރު ކުންފުންޏަކަށް ދޭން ނިންމައިފައިވާކަމަށް ދަނޑުވަރިކަމާބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ ބޭރުގެ ކުންފުންޏަކަށް ކ. ކާށިދޫން އެއް ހެކްޓަރުގެ ބިމެއް ހަވާލުކޮށްގެން ދަނޑުވެރިކަމުގެ ބޮޑު ޕްރޮޖެކްޓެއް ފަށަން ސަރުކާރުން ތައްޔާރުވަމުން އަންނަކަމަށެވެ.
ކާބޯތަކެތި ލިބޭކަން ކަށަވަރުކުރަން (ފުޑް ސެކިއުރިޓީއަށް) ކުރާ މަސައްކަތުގެ ތެރެއިން ދަނޑުވެރިކަމަށް ހުޅުވާލާނެ ސަރަހައްދުތައް ސަރުކާރުން ފާހަގަކޮށްފައިވާ ކަމަށާއި ކާށިދޫން އެކަމަށް އެއް ހެކްޓަރުގެ ބިން ހާއްސަކޮށްފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. މިހާރު ކުރިއަށް ދަނީ އެ ބިން އެ ކުންފުންޏާ ހަވާލުކުރުމުގެ މަސައްކަތްކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.
މިނިސްތަރު ވިދާޅުވީ އެ މަޝްރޫއަކީ ދަނޑުވެރިކަމުގެ ދާއިރާއިން މިހާތަނަށް ހިންގާ އެންމެ ބޮޑު މަޝްރޫއުކަމަށާއި، ރާއްޖޭގެ އެހެން ބިންބޮޑު ރަށްރަށުގައި ވެސް އެފަދަ މަޝްރޫއުތައް ހިންގުމަށް ސަރުކާރުން މަސައްކަތް ކުރާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެފަދަ މަޝްރޫއުތައް ހިންގަން ޕްރޮޕޯސަލްތައް ލިބިފައިއެބަހުރިކަމަށާއި، ބައެއް ފަރާތްތަކަށް މިހާރު ވެސް މަޝްރޫއުތައް ހަވާލުކޮށްފައިވާކަމަށް ޝިޔާމް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެ ޕްރޮޖެކްޓްތައް ހަވާލުކުރާ އިރު ވަކި ބާވަތްތަތަކެއް ހައްދަން ޝަރުތުކުރާ ކަމަށެވެެ އެކަން އެގޮތަށް ކުރުމުގެ ބޭނުމަކީ ރާއްޖެއަށް އިމްޕޯޓްކުރަން ޖެހޭ ބާވަތްތައް މަދުކުރުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް