ކުޅިވަރު

އެފްއޭއެމްގެ ރީޖަނަލް އެސޯސިއޭޝަންތައް ގާއިމުކުރާނެ ރަށްތައް ކަނޑައަޅައިފި

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

އެފްއޭއެމްގެ ރީޖަނަލް އެސޯސިއޭޝަންތައް ގާއިމުކުރާނެ ރަށްތައް ކަނޑައަޅައިފި

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އެ އެސޯސިއޭޝަނުން މުޅިން އަލަށް އުފައްދާ ހަތަރު ރީޖަނަލް ފުޓްބޯޅަ އެސޯސިއޭޝަންތަކުގެ އޮފީސްތައް ގާއިމުކުރާ ތަށްތައް ކަނޑައަޅައިފަ އެވެ.

އެފްއޭއެމުން މި ނިންމުން ނިންމާފައި ވަނީ ރޭ ބޭއްވި އެ އެސޯސިއޭޝަންގެ އެގްޒެކެޓިކް ކޮމިޓީގެ 16 ވަނަ ބައްދަލުވުމުގަ އެވެ.

އެގޮތުން ނޯތު ރީޖަން ފުޓްބޯޅަ އެސޯސިއޭޝަން ހއ. ދިއްދޫގައި ގާއިމުކުރަން ކަނޑައަޅާފައި ވާއިރު، ސެންޓްރަލް ރީޖަން ފުޓްބޯޅަ އެސޯސިއޭޝަންގެ އޮފީސް ގާއިމުކުރުމަށް ހަމަޖެހިފައި ވަނީ އދ. މަހިބަދޫގަ އެވެ. އަދި ލ. ގަމުގައި ސައުތު ރީޖަން ފުޓްބޯޅަ އެސޯސިއޭޝަންގެ އޮފީސް ގާއިމުކުރާއިރު، މާލޭގައި މާލޭ ރީޖަން ފުޓްބޯޅަ އެސޯސިއޭޝަން ވެސް ގާއިމުކުރާނެ އެވެ.

މީގެ އިތުރުން އެފްއޭއެމުން ވަނީ އެ އެސޯސިއޭޝަންގެ ޑިވެލޮޕްމަންޓް އޮފީހެއް ބ. އޭދަފުށީގައި ގާއިމުކުރަން ނިންމައިފި އެވެ.

ނޯތު ރީޖަންގައި ހިމެނެނީ ހއ، ހދ، ށ، ނ، ރ، ބ އަދި ޅ އަތޮޅެވެ. ސެންޓްރަލް ރީޖަންގައި ހިމެނެނީ ކ، އއ، އދ، ވ، މ، ފ އަދި ދ އަތޮޅެވެ. ސައުތު ރީޖަންގައި ހިމެނެނީ އެންމެ ދެކުނުގައި އޮންނަ ތ، ލ، ގއ، ގދ، ޏ އަދި ސ އަތޮޅެވެ. އަދި ގްރޭޓާ މާލޭ ސަރަހައްދު އެއީ ވަކި ރީޖަންއެކެވެ.

މިދިޔަ އަހަރު އެފްއޭއެމްގެ ރައީސް ކަމަށް ކުރީގެ އެއްވަނަ ފޯވާޑް އަދި މިހާރު މަހިބަދޫ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ތާރިގު (ޓޮމް) އައްޔަނުކުރުމަށް ފަހު، އެފްއޭއެމުން ވަނީ ކްލަބް ފުޓްބޯޅަ މުޅި ރާއްޖެ ޝާމިލްވާނޭ ސިސްޓަމެއް ތައާރަފް ކޮށް، މިދިޔަ ސީޒަންގައި ހަތަރު ރީޖަނަކަށް ބަހާލައިގެން ފުޓްބޯޅަ ސީޒަން ކުރިއަށް ގެންގޮސްފަ އެވެ. މި ސިސްޓަމެގެ ތެރެއިން ޕްރޮމޯޓް ވެގެން އަތޮޅުތެރޭގެ ދެ ކްލަބެއް ކުރިއަށް އޮތް ސީޒަންގެ ދިވެހި ޕްރިމިއާ ލީގުގައި ވެސް ކުޅޭނެ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް