ޚަބަރު

4 ރަށެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި ބަނދަރު ހަދަން އެމްޓީސީސީއަށް

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

4 ރަށެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި ބަނދަރު ހަދަން އެމްޓީސީސީއަށް

މަޝްރޫއުތައް ހިންގުމަށް އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން -- ފޮޓޯ/ އިންފްރާސްޓްރަކްޗާ މިނިސްޓްރީ

ހަތަރު ރަށެއްގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގަން ހައުސިން މިނިސްޓްރީއާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ދެމެދު އެއްބަސްވުންތަކުގައި މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުންތަކުގެ ދަށުން މަޝްރޫއުތައް ހިންގުމަށް ހަމަޖެހިފައިވާ ރަށްތަކަކީ ހއ. ކެލާ، ހއ. މުރައިދޫ، ދ. ބަނޑިދޫގެ އިތުރުން ބ. ކިހާދޫ އެވެ.

އެއްބަސްވުންތަކުގައި އެމްޓީސީސީގެ ފަރާތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ ޑީސީޕީ (ރިޓަޔާޑް) އަހްމަދު ސައުދީ ސޮއިކުރެއްވިއިރު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއީލް ހަމީދެވެ.

ދ. ބަނޑިދޫ

ބަނޑިދޫގެ ބަނދަރު ފުންކުރުމާއި ޖެޓީ ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 210 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

އެ ރަށުގައި ކުރިއަށްގެންދާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ބަނދަރު 3.5 މީޓަރަށް އަދި ނެރު 4 މީޓަރަށް ފުންކުރުމުގެ އިތުރުން، ދިގުމިނުގައި 170 މީޓަރު އަދި ފުޅާމިނުގައި 2 މީޓަރު ހުންނަ ކޮންކްރީޓް ޖެޓީއެއް ގާއިމުކުރުން ހިމެނެ އެވެ.

ހއ. މުރައިދޫ

މުރައިދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން އެމްޓީސީސީން ކުރިއަށްގެންދަން ހަމަޖެހިފައިވަނީ 139 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމާއި، 56 މީޓަރުގެ ގްރޮއިން އެޅުމުގެ މަސައްކަތެވެ.

ބ. ކިހާދޫ

ކިހާދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 360 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫއުގެ ދަށުން 240 މީޓަރުގެ ބޮޑުހިލަ ރިވެޓްމަންޓް ޖެހުމާއި، 380 މީޓަރުގެ ބޮޑުހިލަ ބްރޭކްވޯޓާ ލުމުގެ އިތުރުން 17,300 ކިއުބިކް މީޓަރުގެ ވެލި އަޅައިގެން ބެކްފިލް ކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

ހއ. ކެލާ

ކެލާ ބަނދަރު އަޕްގްރޭޑް ކުރުމުގެ މައްސައްކަތް އަދި ފިޝަރީސް އިންފްރާސްޓްރަކްޗާއަށް ބިން ހިއްކުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 600 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ. ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫއުގެ ދަށުން ބަނދަރު އަދި ފުންކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ބިންހިއްކުމުގެ މަޝްރޫއުގެ ދަށުން ކެލާގައި 8.56 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަވާލުކޮށްފައެވެ. އަދި 266 މީޓަރުގެ އެއްގަމު ތޮށި ހެދުމާއި، 692 މީޓަރުގެ ހިލަ ރިވެޓްމެންޓު ޖެހުމުގެ އިތުރުން 620 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ޖެހުމަށް ވެސް ވަނީ ނިންމައިފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް