ޚަބަރު

ފުނަދޫ އަށް މުށިމަހުގެ އީދެއް، ތޮށިމަތިން ކުދިބޮޑު އެންމެން މަސް ހޮވަނީ

ފާތިމަތު

ލިޔުންތެރިޔާ

ފުނަދޫ އަށް މުށިމަހުގެ އީދެއް، ތޮށިމަތިން ކުދިބޮޑު އެންމެން މަސް ހޮވަނީ

ފުނަދޫ ރައްޔިތުން ތޮށިމަތިން މަސް ހޮވަނީ ---

މިއަދު ޓިކްޓޮކް ބަލަނިކޮށް އަޅައިގަތީ މާ އާދަޔާ ހިލާދު ވީޑިއޯއެކެވެ. ދެތިން ފަހަރު އަސްލު ވީޑިއޯއެއްތޯ ވެސް ކަށަވަރު ކުރުމަށް ބަލަންޖެހުނެވެ. ރާއްޖޭގެ ވީޑިއޯއެއްތޯ ޔަގީން ކުރަން ވެސް ލައްކަ މަސައްކަތްކުރަން ޖެހުނެވެ.

އިތުރަށް ދިރާސާ ކޮށްލިއިރު މި އެނގުނީ އެ ވީޑިއޯއަކީ ށ. ފުނަދޫގެ ވީޑިއޯއެއްކަމެވެ.

އިރުގެ އަލިކަން ފަނޑުކަމުން ވީޑިއޯ މާ ސާފު ނުވިޔަސް އެ ބަޔަކު ކުރާކަމެެއް ސާފުވެއެވެ. ފުނަދޫގެ ރައްޔިތުން ނިކުމެ އެ ރަށުގެ ތޮށިމަތިން މުށިމަސް "ހޮވަނީ"އެވެ. ރާޅާ އެއްކޮށް މަސްތައް އައިސް ބީއްސައިލަނީ ރަށުގެ މުރަ ތޮށި މައްޗަށެވެ. ދުވެފައި ގޮސް އެންމެ ފުރަތަަމަ ނެގޭ މީހަކު އެ މަސް ނަގަނީއެވެ.

ކުދި ބޮޑު އެންމެން ނިކުމެ ރަށުގެ ތޮށިމަތިން މުށި މަސް ހޮވައި ޓައްޕު ޓައްޕަށް، ކޮތަޅު ކޮތަޅަށް އަޅަނީއެވެ.

ހީވަނީ ހަމަ ރަށަށް މުށިމަހުގެ އީދެއް އައިސްގެން އުޅޭހެންނެވެ. ކިތަންމެ އަލި ފަނޑުވިޔަސް އެ ވީޑިއޯއިން އެ ރަށުގެ ރައްޔިތުންގެ މޫނުމަތީގެ ހިންތުންވުމާއި އެ މަޖާ މާހައުލު ވަރަށް ސާފުކޮށް ފެނެއެވެ.

ފުނަދޫއިން "ވީކަން"އާ ވާހަކަދެއްކި މީހަކު ބުނީ މާތްاللهގެ ރަހުމަތުން އެ ރަށުން އެކަހަލަ ނަސީބު ދޭތެރެއަކުން ލިބޭކަމަށެވެ. އޭނާ ބުނީ މީގެ ފަސް އަހަރު ކުރިން ވެސް އެ ރަށުގެ ރައްޔިތުންނަށް ހަމަ އެފަދަ ނަސީބެއް ލިބުނެވެ.

ނަމަވެސް އެ އަހަރު މަސް ހިފަން ޖެހުނީ ދާ ޖަހައިގެންނެވެ. ހިފަން ޖެހުނީ ރިއްމަހެވެ.

އޭނާ ބުނީ މަސް ހިފަން ލިބެނީ އިރު އޮއްސޭ ވަގުތު ކަމަށެވެ. އެއީ މި ދުވަސްވަރު ދިޔަވަރު އެންމެ ހިކެނީ އެ ގަޑީގައިކަމަށް ވާތީއެވެ.

"ދެން އެ ގަޑީގައި މަސްތައް ރާޅާއެކީ މި ލައްވަނީ ތޮށި މައްޗަށް، މިޔަކު ދެން ބަލާނެ އެއްޗެއް ނެތް، އެމީހަކާ އެމީހެއް. އަވަހަށް ނެގޭތޯ ބަލަނީ" ފުނަދޫ ޒުވާނަކު ބުންޏެވެ.

އޭނާ ބުނީ މީ ވަރަށް މަޖާ ކަމެއްކަމަށާއި، ތަފާތު ތަޖުރިބާއެއް ކުރެވޭ ކަމެއް ކަމަށެވެ.

ފުނަދޫގެ ވީކެންޑު ބީޗު މިހާރު އޮންނަނީ އިރުއޮއްސޭ ވަގުތު މުޅިން ފުރާލައިފައިކަމަށް ވެސް އޭނ ބުންޏެވެ. ގިނަ ބަޔަކު އެއްވެ އެހެން އުޅޭއިރު މަސް ހޮވަން ލިބުމުގެ އުފުލާއެކު، އުފާވެރި މާހައުލަކުން ގިނަ ބަޔަކާ ބައްދަލުވުމުގެ އުފާ ވެސް ލިބޭކަމަށް އޭނާ ބުންޏެވެ.

މަސް އެންމެ ގިނައިން ފަރު މައްޗަށް އަރާއިރު މީހަކަށް 300 ނުވަތަ 400 މަސް ލިބޭކަމަށް ވެސް އޭނާ ބުންޏެވެ. ގޭގެ ފުރިޖުތައް މިހާރު ފުރިފައި ވަނީ މުށި މަހުން ކަމަށް ވިޔަސް އެ ތަފާތު ތަޖުރިބާކޮށްލަން އަދިވެސް ގިނަ ބަޔަކު ދާކަމަށް އޭނާ ބުންޏެވެ.

އެގޮތަށް ފަރުމައްޗަށް މަސް ލައްވުމަކީ މަދުން ނަމަވެސް ރާއްޖޭގެ އެހެން ރަށްރަށުން ވެސް ފެންނަކެވެ. ބައެއް ރަށްރަށަށް ބައެއް މޫސުންތަކުގައި ފުޅަނގި ލައްވާއިރު މަސްވެސް ލައްވެފައި އެބަހުއްޓެވެ.

މިދިޔަ އަހަރު ކެންދޫ ގޮނޑުދޮށަށް ވެސް ވަނީ މުށިމަސް ލަށްވެފައެވެ. ނަމަވެސް އެއީ އެރަށަށް މަސް ލައްވީ މަރުވެގެންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް