ލާމަރުކަޒީ ޤާނޫނަށް ގެނައި 19 ވަނަ އިސްލާހުގެ ބިލު ރައީސް މުޢިއްޒު ތަސްދީޤު ކުރައްވައިފި
އަޙުމަދު ޝައިމަން
ލިޔުންތެރިޔާ
ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާހު ރައީސް މުޢިއްޒު ތަސްދީޤު ކުރެއްވުމުގެ ތެރެއިން
ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް 19 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރައްވައިފި އެވެ.
މިއީ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެ ވަނަ ދައުރުގެ 28 ވަނަ ޖަލްސާގައި، އޮގަސްޓު މަހުގެ 26 ވަނަ ދުވަހު ފާސްކޮށްފައިވާ ބިލެކެވެ.
މި އިސްލާހުގެ މަގުސަދަކީ، ސަރުކާރުގެ ތަރައްޤީގެ މަޝްރޫއުތައް ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންދިއުމަށްޓަކައި ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން ކައުންސިލްތަކުގެ ފުރިހަމަ އެއްބާރުލުން ކަށަވަރުކުރުމާއި، ދައުލަތުގެ މަޝްރޫއުތަކަށް ބޭނުންވާ ބިންތަކާ ގުޅޭ އިޖުރާތްތައް ހަރުދަނާ ކުރުމެވެ.
މި އިސްލާހާއެކު، ދައުލަތުގެ މަޝްރޫއު ތަކަށް ބޭނުންވާ ބިންތައް ކަނޑައަޅުމުގެ އިޖުރާތް ހަރުދަނާ ވެގެންދާނެ އެވެ. އެގޮތުން، ކައުންސިލް ތަކުގެގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ތަންތަން ކައުންސިލްގެ އިހުތިސާސްގެ ތެރެއިން ވަކިކުރުމުގެ ކުރިން، ޤައުމީ އިދާރާ އިން ފުރިހަމަ ކުރަން ޖެހޭ އިޖުރާތްތައް ވަނީ މި ބިލުގައި ބަޔާން ކޮށްފައި އެވެ.
މީގެ އިތުރުން، ޤައުމީ އިދާރާ ތަކުން ކައުންސިލްތައް މެދުވެރިކޮށް ޚިދުމަތް ދިނުމަށްޓަކައި ސަރުކާރުގެ ފަރާތުން އިދާރީ ދާއިރާ ތަކުގައި އިންޓަގްރޭޓަޑް ސާވިސް ސެންޓަރު ތަކެއް ޤާއިމުކޮށް، އެ ސެންޓަރު ތަކުން ޚިދުމަތް ދެވޭނެ ކަމަށް ވަނީ ބަޔާން ކޮށްފައި އެވެ. އަދި މި ޤާނޫނަށް ގެނެސްފައިވާ 17 ވަނަ އިސްލާހާއެކު، ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ބަދަލު ކުރެވުނު، ކުރިން އަތޮޅު ކައުންސިލް ތަކުގެ މިލްކުވެރިކަމުގެ ދަށުގައި ނުވަތަ ބެލެހެއްޓުމުގެ ދަށުގައި ހުރި އެންމެހާ މުދަލާއި ވަސީލަތްތައް، 19 ވަނަ އިސްލާހަށް ޢަމަލު ކުރަން ފެށުމާއެކު، މާލީ ކަންކަން ހިންގުމާ ބެހޭ ވުޒާރާ އަށް ބަދަލުވީ އެވެ.
މި ޤާނޫނު ދިވެހި ސަރުކާރުގެ ގެޒެޓުގައި އަންގާރަ ދުވަހު ޝާއިއު ކޮށްފައިވާއިރު، މި ޤާނޫނަށް މިހާރު ވަނީ އަމަލު ކުރަން ފަށައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް