Article Top
ޚަބަރު •

އެޗްޑީސީ އިން އެއް ވަނަ ހޯދީ ހުޅުމާލެ ހިއްކި ޑްރެޖަރާއި، މާލެ އާއި ހުޅުމާލެއާ ދެމެދު ދަތުރުކުރި އުޅަނދުގެ މޮޑެލް ހުށަހަޅައިގެން

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

އެޗްޑީސީ އިން އެއް ވަނަ ހޯދީ ހުޅުމާލެ ހިއްކި ޑްރެޖަރާއި، މާލެ އާއި ހުޅުމާލެއާ ދެމެދު ދަތުރުކުރި އުޅަނދުގެ މޮޑެލް ހުށަހަޅައިގެން

ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒުގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކެޓަގަރީ އިން އެއް ވަނަ ހޯދީ އެޗްޑީސީ.

މިއަހަރުގެ ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒުގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކެޓަގަރީ އިން އެއް ވަނަ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ލިބިއްޖެ އެވެ.

ހޮނިހިރު ދުވަހުގެ ރޭ ބޭއްވި "މޯލްޑިވްސް އެކްސްޕޯ 2026" ގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި އެޗްޑީސީއެ އިނާމު ހަވާލު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުހައްމަދު އެވެ. އަދި އެޗްޑީސީގެ ފަރާތުން އިނާމާ ހަވާލުވީ، ޑިރެކްޓާ އޮފް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް، މަލްޝާ ޝަރީފް އެވެ.

Advertisement
Article Inside

އެޗްޑީސީ އިން ބުނީ އެ ކޯޕަރޭޝަންގެ ފަރާތުން އުފެއްދުންތެރިކަމުގެ މައުރަޒަށް ހުށަހެޅީ، ހުޅުމާލެ ތަރައްޤީވެގެން އައި ދުވަސްވަރު ދަތުރު ފަތުރަށް ބޭނުންކުރި ދޯނި ރަމްޒުކޮށްދޭ މޮޑެލްއަކާއި، ހުޅުމާލެ ހިއްކުމުގެ ފުރަތަމަ ފިޔަވަހީގައި ބޭނުންކުރި ޑްރެޖަރުގެ މޮޑެލްގެ އިތުރުން، ހުޅުމާލެ އަށް އަލަށް ތައާރަފުކުރަން ނިންމާފައިވާ ސްމާޓް މަގު ބައްތީގެ މޮޑެލް ތަކެއް ކަމަށެވެ.

މައުރަޒަށް ހުށަހެޅި ދޯނީގެ މޮޑެލް އަކީ، ހުޅުމާލެ ބިނާކުރަން ފެށި ދުވަސްވަރު މާލެ އާއި ހުޅުމާލެއާ ދެމެދު މީހުންނާއި މުދާ އުފުލުމަށް ބޭނުންކުރި ހަމައެކަނި އުޅަނދުގެ ނަމޫނާއެއް ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

ދެވަނަ އަށް ހުށަހެޅި ޑްރެޖަރުގެ މޮޑެލް އަކީ ހުޅުމާލެ ހިއްކުމުގެ ފުރަތަމަ ފިޔަވަހީގައި، 2003 ވަނަ އަހަރު ސަރުކާރުން "ޑްރެޖިން އިންޓަނޭޝަނަލް" ކުންފުނި މެދުވެރިކޮށް ރާއްޖެ ގެނައި "އެމަޒޯން" ކޮންނަ ބޯޓުގެ ތަފްސީލީ ނަމޫނާއެއް ކަމަށް ވެސް އެޗްޑީސީ އިން ބުނެފައިވެ އެވެ. "އެމަޒޯން" ކޮންނަ ބޯޓަކީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ހަލުވިކޮށް، އެ މަޝްރޫއު އެންމެ 6 މަސް ދުވަހުގެ ތެރޭގައި ނިންމާލުމުގައި މުހިންމު ދައުރެއް އަދާކުރި، އެ ދުވަސްވަރުގެ ނިސްބަތުން އިންގިލާބީ ކުރިއެރުމެއް ހޯދައިދިން އުޅަނދެކެވެ. މި މަސައްކަތުގެ މައިގަނޑު މަޤުސަދަކީ "އެމަޒޯން" ކޮންނަ ބޯޓުގެ މުހިންމު ބައިތައް އެންމެ ތަފްސީލީ ގޮތެއްގައި ދައްކުވައިދިނުމެވެ.

އޭގެ އިތުރުން، މައުރަޒަށް ހުށަހެޅި ސްމާޓް މަގު ބައްތި މޮޑެލް އަކީ، ހުޅުމާލޭގެ މަގު ބައްތިތައް ދުރުގައި ތިބެގެން ކޮންޓްރޯލްކޮށް އަލި ހުންނަ މިންވަރު އަމިއްލަ އަށް ބަދަލުކޮށް، އެ ސިސްޓަމަށް ދިމާވާ މައްސަލަތައް ވަގުތުން ދެނެގަނެވޭ ގޮތަށް ފަރުމާކޮށްފައިވާ ނިޒާމެކެވެ. މި ނިޒާމުގެ ސަބަބުން ކަރަންޓު ޚަރަދު ކުޑަވެ، ކޮންމެ ބައްތިއެއްގެ ހާލަތު ވަގުތުން ބަލައި އަވަހަށް މައްސަލަތައް ހައްލު ކުރެވޭނެ ކަމަށް އެޗްޑީސީ އިން ބުނެ އެވެ. މައުރަޒަށް ހުށަހެޅި ހުރިހާ މޮޑެލް ތަކެއް ވެސް ތައްޔާރުކުރީ އެޗްޑީސީގެ ހުނަރުވެރި މުވައްޒަފުން ކަމަށް އެ ކުންފުނިން ފާހަގަކުރި އެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްދާ "މޯލްޑިވްސް އެކްސްޕޯ 2026" ކުރިއަށްދާނީ ނޮވެންބަރު މަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށެވެ. މި އުފެއްދުންތެރިކަމުގެ މައުރަޒުގައި 600 ބައިވެރިންގެ ފަރާތުން ހުށަހަޅާ 4،400 އަށްވުރެ ގިނަ ޕްރޮޑަކްޓް ފެނިގެންދާނެ އެވެ. މިއީ މިހާތަނަށް ރާއްޖޭގައި ބާއްވާ މިފަދަ އެންމެ ބޮޑު މައުރަޒެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް