Article Top
ޚަބަރު •

"އަމާޒަކީ 2040 އާ ހަމައަށްދާއިރު ރާއްޖެ އަކީ ފުރިހަމަ އަށް ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމުގެ ލަނޑުދަނޑި އަށް ވާސިލުވުން"

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

"އަމާޒަކީ 2040 އާ ހަމައަށްދާއިރު ރާއްޖެ އަކީ ފުރިހަމަ އަށް ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމުގެ ލަނޑުދަނޑި އަށް ވާސިލުވުން"

ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު.

އެންމެ ބޮޑު އަމާޒަކީ 2040 ވަނަ އަހަރާ ހަމައަށްދާއިރު، ދިވެހިރާއްޖެ އަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ އަމާޒަށް ވާސިލުވުން ކަމަށް ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.

ފިނޭންސް މިނިސްޓަރު މިހެން ވިދާޅުވެފައި ވަނީ، މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް 2026 ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެން ވާހަކަ ދައްކަވަމުންނެވެ. މިއީ އިންސްޓިޓިއުޓް އޮފް ޗާޓާރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (ސީއޭ މޯލްޑިވްސް) ބާއްވާ ފޯރަމް އެކެވެ.

Advertisement
Article Inside

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު ވަނީ ސަރުކާރުން އަދާކުރި ބޮޑު ދަރަނީގެ ވާހަކަ ފާހަގަ ކުރައްވައިފަ އެވެ. އެގޮތުން ވޭތުވެ ދިޔަ ދޮޅު އަހަރުގެ ތެރޭގައި ސަރުކާރުން 1.4 ބިލިއަން އެމެރިކާ ޑޮލަރުގެ ދަރަނި އަދާކޮށްފައިވާ ކަމަށާއި، އެއީ ރާއްޖޭގެ ތާރީޚުގައި ވެސް ދަރަނި އަދާކުރި އެންމެ ބޮޑު މިންވަރު ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

އެއާއެކު، މޫޑީސް އާއި ފިޗް ރޭޓިންސް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެއީ ރާއްޖެ އަށް ލިބުނު ބޮޑު ކާމިޔާބެއް ކަމަށް ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ، ޙަގީގީ ވިލުންތެރިކަމަކީ ހަަމައެކަނި ވަގުތުން ވަގުތަށް އަދާކުރަން ޖެހޭ ޒިންމާތައް އެކަނި އަދާކުރުން ނޫން ކަމަށެވެ.

އެންމެ ބޮޑު އަމާޒަކީ ރައީސް މުޢިއްޒު ކަނޑައަޅުއްވާފައިވާ ފަދައިން، 2040 ވަނަ އަހަރާ ހަމައަށްދާއިރު ރާއްޖެ އަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމުގެ ލަނޑު ދަނޑި އަށް ވާސިލުވުން ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި އެވެ. އަދި އެކަން ހާސިލު ކުރެވޭނީ ޕްރައިވެޓް ސެކްޓާ އިސްވެ އޮންނަ ގޮތަށް، ފުޅާ އިޤްތިޞާދަކާއި، ޑިޖިޓަލް އިޤްްތިޞާދެއް އޮވެގެން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. ހަމަ އެހެންމެ، ހަރުދަނާ މާލީ ނިޒާމެއް އޮންނަން ޖެހޭ ކަމަށާއި، ސަރުކާރުން މަސައްކަތް ކުރަނީ އެކަން ހާސިލު ކުރުމަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން އެ ރަސްމިއްޔާތުގައި މިނިސްޓަރު ޒަރީރު ވިދާޅުވީ، ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ހަރުދަނާ މާލީ ނިޒާމެއް ޤާއިމު ކުރުމާ އެކު، އިޤްތިޞާދީ ލޮޅުންތަކަށް ޒިންމާދާރުކަމާ އެކު ތައްޔާރުވުން ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް