10 އަހަރަށް ފަހު ފުރަތަމަ ފަހަރަށް ދިވެހި ރައީސަކު ޕާކިސްތާން އަށް!
ލިޔުންތެރިޔާ
ރައީސް ޑޮކްޓަރު މުޢިއްޒު އާއި ޕާކިސްތާންގެ ބޮޑު ވަޒީރު ޝަރީފް މީގެ ކުރިން ބައްދަލު ކުރެއްވުމުގެ ތެރެއިން.
ޕާކިސްތާން އަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު އެ ޤައުމަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ރައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި ރައީސް މުއިއްޒު ޕާކިސްތާން އަށް ވަޑައިގަންނަވާނީ އޮކްޓޫބަރު 20 ވާ އަންގާރަ ދުވަހު އެވެ. އަދި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެނބުރި ރާއްޖެ ވަޑައިގަންނަވާނީ އޮކްޓޫބަރު 22 ވާ ބުރާސްފަތި ދުވަހު އެވެ. މި ދަތުރުފުޅުގައި ރައީސް މުޢިއްޒުގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ އިތުރުން، ސަރުކާރުގެ އިސް ބޭފުޅުން ވެސް ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.
މިއީ 10 އަހަރަށް ފަހު ރާއްޖޭގެ ރައީސަކު ޕާކިސްތާން އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އެންމެ ފަހުން ރާއްޖޭގެ ރައީސަކު ޕާކިސްތާން އަށް ވަޑައިގެންފައި ވަނީ 2015 ވަަނަ އަހަރު އެވެ.
ރައީސް މުޢިއްޒުގެ މި ދަތުރުފުޅުގައި މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) އާއި އެއްބަސްވުން ހިމެނޭހެން، 12 ކަމަކާ ގުޅޭ ގޮތުން ރާއްޖެ އާއި ޕާކިސްތާންއާ ދެެމެދު ސޮއި ކުރެވޭނެ ކަމަށް ޕާކިސްތާންގެ ނޫސްތަކުގައި ވަނީ ރިޕޯޓުކޮށްފައި އެވެ. މީގެ އިތުރުން މި ދަތުރުފުޅުގައި ރައީސް މުޢިއްޒު ޕާކިސްތާންގެ ރައީސް އާސިފް އަލީ ޒަރްދާރީ އަދި އެ ޤައުމުގެ ބޮޑު ވަޒީރު ބޮޑު ވަޒީރު ޝެހްބާޒް ޝަރީފްއާ ވެސް ބައްދަލު ކުރައްވާނެ އެވެ.
ރާއްޖެ އާއި ޕާކިސްތާންއާ ދެމެދު ސިޔާސީ ގުޅުން ޤާއިމު ކޮށްފައި ވަނީ 1966 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު ކަަމަށްވާއިރު، ދެ ޤައުމުގެ ގުޅުމަށް މިއަހަރު 60 އަހަރު ފުރިއްޖެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް