Article Top
ޚަބަރު •

ހެޔޮ އެދޭ ފަރާތްތަކުން ރައީސަށް ފައިސާ ދޭނެ، އޭގައިި ހިފުމަކީ މައްސަލައެއް ނޫން: ރައީސް ޔާމީން

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ހެޔޮ އެދޭ ފަރާތްތަކުން ރައީސަށް ފައިސާ ދޭނެ، އޭގައިި ހިފުމަކީ މައްސަލައެއް ނޫން: ރައީސް ޔާމީން

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން.

ވެރިކަމުގައި ހުންނަވާއިރު، ހެޔޮ އެދޭ އެކި އެކި ފަރާތްތަކުން ރައީސަށް ފައިސާ ދެއްވާނެ ކަމަށާއި، އަދި އެ ފައިސާގައި ހިފުމަކީ މަނާ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ރ.ފުއްގިރި މައްސަލައިގެ ޚުލާސާ ބަޔާން އިއްވުމަށް ބޭއްވި ޝަރީއަތުގައި ރައީސް ޔާމީން ވިދާޅުވީ، އަމިއްލަ ގޮތުން އެއްވެސް ވިޔަފާރިއެއް ނުކުރެއްވި ނަމަވެސް، އެހެން ގޮތް ގޮތުން ފައިސާ ލިބިލައްވާ ކަަމަށެވެ. އެގޮތުން ތަންތަން ކުއްޔަށް ދީގެން ވެސް ފައިސާ ނުވަތަ އާމްދަނީ ހޯދޭ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

Advertisement
Article Inside

އެކަން ފާހަގަ ކުރައްވައި ރައީސް ޔާމީން ވިދާޅުވީ، 2013 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ވަޑައިގެންނެވުމުގެ ކުރިން ވެސް، އެމަނިކުފާނުގެ އަތުގައި ގިނަ އަދަދަކަށް ފައިސާ ހުންނާނެ ކަމަށެވެ. އަދި އެކަމުގެ ތަފްސީލުތައް މާލީ ބަޔާންތަކުން ހާމަވާން އޮންނާނެ ކަމަށް ވެސް ރައީސް ޔާމީން ފާހަގަ ކުރެއްވި އެވެ.

އޭގެ ފަހުން ރައީސް ޔާމީން ދެއްކެވި ވާހަަކައިގައި ވިދާޅުވީ، ވެރިކަމުގައި ހުންނަވާއިރު ހެޔޮ އެދޭ ފަރާތްތަކުން ފައިސާ ދޭނެ ކަަމަށެވެ. އެގޮތުން އިތުރު ދައުރަކަށް، ނުވަތަ ދެ ވަނަ ދައުރަކަށް ރައީސަކު އިންތިޚާބު ކުރަން ބޭނުންވާ ބަޔަކު ތިބޭނެ ކަމަށާއި، އެ ފަރާތްތަކުން އެކި ގޮތް ގޮތުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް ވިދާޅުވި އެވެ. އެ ލިބޭ ފައިސާ އަކީ ސިޔާސީ ގޮތުން ލިބޭ ފައިސާ އަށް ވާތީ، އެ ފައިސާ އަކީ ޕާޓީ އަށް ދޭން ޖެހޭނެ ފައިސާއެއް ނޫން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

އެކަން ފާހަގަ ކުރައްވައި ރައީސް ޔާމީން ވިދާޅުވީ، ސިޔާސީ ގޮތުން ހެޔޮ އެދޭ ފަރާތްތަކުން އެގޮތަށް ދޭ ފައިސާގައި ހިފުމަކީ މައްސަލައެއް ނޫން ކަމަށާއި، އެކަމަކީ މަނާ ކަމެއް ވެސް ނޫން ކަމަށެވެ.

ކްރިމިނަލް ކޯޓުގައި ކުރިއަށްދާ މައްސަލައިގައި، ދައުލަތުން އުފުލާފައިވާ ދައުވާތަކަށް ރައީސް ޔާމީން ވަނީ އިންކާރު ކުރައްވައިފަ އެވެ. މި މައްސަލައިގެ ޚުލާސާ ބަޔާން އިއްވައި ނިންމާލާފައިވާއިރު، މި ހިނގާ އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހު މައްސަލައިގެ ޙުކުމް ކުރުމަށް ވަނީ ތާވަލުކޮށްފައި އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް