ގައްދޫ ބަލިކޮށް ބުރު ސްޕޯޓްސް އަށް ސީޒަންގެ ފުރަތަމަ މޮޅު
ލިޔުންތެރިޔާ
އުސާމާ ލަނޑު ޖެހުމަށް ފަހު -- ފޮޓޯ/ އެފްއޭއެމް
ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ ފުޓްބޯޅަ ޓީމާ ދެކޮޅަށް ކުޅުނު މެޗު 2-0 އިން ކާމިޔާބުކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގައި އެ ޓީމުގެ ފުރަތަމަ މޮޅު ހޯދައިފި އެވެ.
ގަލޮޅު ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް، ކުޅުން ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި އެވެ.
ނަމަވެސް ދެވަނަ ހާފު ފެށިގެން ފަސްވަނަ މިނިޓުގައި ބުރުގެ އާޖެންޓީނާ ފޯވާޑް ޖުއާން އެޑުއާޑޯ ލެސްކާނޯ ވަނީ ލަނޑެއް ޖަހައި ޓީމަށް ލީޑުނަގައިދީފަ އެވެ. ގައްދޫން ނަތީޖާ ހަމަހަމަކުރަން މަސައްކަތްކުރި ނަމަވެސް، މެޗުގެ 78 ވަނަ މިނިޓުގައި ބުރުން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފަ އެވެ. މި ލަނޑު ޖަހައިދިނީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނު އިބްރާހިމް އުސާމާ ހަސަން މަޖީދެވެ.
މި މެޗާ ކުރިމަތިލިއިރު، ދިހަ ޓީމު ވާދަކުރާ ލީގުގައި ގައްދޫން ވަނީ ކުޅުނު ހަތަރު މެޗުންވެސް ބަލިވެފައެވެ. އަމިއްލަ ދަނޑުގައި ކުޅުނު މެޗުތަކުގައި ނިއު ރޭޑިއަންޓާއި، ޓީސީ އަދި އީގަލްސް އަތުން ބަލިވުމުގެ އިތުރުން، މާލޭގައި އޮޑި ސްޕޯޓްސް އަތުންވެސް އެ ޓީމު ވަނީ ބަލިވެފައެވެ. އަދި ބުރު ސްޕޯޓްސް ވެސް މި މެޗުގެ ކުރިން ވަނީ މި ސީޒަނުގައި ކުޅުނު ހަ މެޗުންވެސް ބަލިވެފައެވެ. އެއީ ކަޕް ވިނާސް ކަޕްގެ ތިން މެޗާއި ޕްރިމިއާ ލީގުގެ ތިން މެޗެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް