ބަޖެޓު 2027: ޒުވާނުން ވަޒީފާއާ ދުރުކޮށް ޒުވާނުންނަކީ ވަޒީފާ އުފައްދާބަޔަކަށް ހެދުމަށް އަމާޒެއް
ލިޔުންތެރިޔާ
މިނިސްޓަރު ޒަރީރު މަޖިލީހަށް ބަޖެޓު ހުށަހަޅުއްވަނީ -- ފޮޓޯ/ މަޖިލިސް
ދިވެހި ޒުވާނުންނަކީ ވަޒީފާ ހޯދާ މީހުންގެ ބަދަލުގައި ވަޒީފާ އުފައްދާ ބަޔަކަށް ހެދުމަށްޓަކައި، އެސް.އެމް.އީ ސްޓާޓަޕް ތަކަށް ބޭނުންވާ ފަންޑު ފޯރުކޮށްދިނުން 2027ވަނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ހިމެނިފައިވާނެކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު، ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
އަންނަ އަަހަރަށް ލަފާކުރާ ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓަކީ ޒުވާނުން ބާރުވެރިކޮށް ޒުވާނުންނަށް ފަހިފުރުސަތުތަކެއް ތަނަވަސްކޮށްދޭނެ ބަޖެޓެއް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، މިއީ އަމިއްލަ ފައިމައްޗަށް ތެދުވާ، އުފެއްދުންތެރި ޒުވާން ވިޔަފާރިވެރިންގެ ޖީލެއް ބިނާކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއްކަން ފާހަގަކުރެއްވިއެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަކީ އިގްތިސާދުގެ މައިބަދަ ކަމަށްވާއިރު، ދިވެހި ކޮންމެ ކުޑަ ވިޔަފާރިއެއްގެ ފަހަތުގައި ހުންނާނީ، އުޖާލާ މުސްތަޤުބަލެއް ބިނާކުރުމުގެ ނިޔަތުގައި، އަދި ރާއްޖޭގެ އިޤްތިސާދުގެ ދުވެލި ހަލުވިކޮށްދޭނެ އަޒުމެއްގައި ހުރި ދިވެހި ދަރިއެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެހެންކަމުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިވެ، ޓެކުހަށް ކޮމްޕްލައިވުމަށް ކުރިމަތިވާ ބުރަ ލުއިކޮށްދިނުމަށާއި، އެ ވިޔަފާރިތައް ކުރިއަރައި، އިގުތިސާދުގައި އެ ފަރާތްތަކުގެ ދައުރު ފުޅާކުރުމުގެ މަގުސަދުގައި، 01 ޖަނަވަރީ 2027 އިން ފެށިގެން އަމަލުކުރާގޮތަށް، ޖީ.އެސް.ޓީ އަށް ރަޖިސްޓަރީ ކުރަންޖެހޭ އަހަރީ އާމްދަނީގެ ތްރެޝްހޯލްޑް 1 މިލިއަން ރުފިޔާއިން 1.5 މިލިއަން ރުފިޔާއަށް ބޮޑުކުރުމަށް ނިންމަވާ ރައީސުލްޖުމްހޫރިއްޔާ މިހާރު ވަނީ އިއުލާނު ކުރައްވާފައިކަމަށް ވަޒީރު ވިދާޅުވިއެވެ.
މިނިސްޓަރު ޒަރީރު ވިދާޅުވީ ދިވެހި ޒުވާނުންނަކީ ވަޒީފާ ހޯދާ މީހުންގެ ބަދަލުގައި ވަޒީފާ އުފައްދާ ބަޔަކަށް ހެދުމަށްޓަކައި، އެސް.އެމް.އީ ސްޓާޓަޕް ތަކަށް ބޭނުންވާ ފަންޑު ފޯރުކޮށްދިނުން މި ބަޖެޓުގައި ހިމެނޭނެކަމަށެވެ. މިއީ އަމިއްލަ ފައިމައްޗަށް ތެދުވާ، އުފެއްދުންތެރި ޒުވާން ވިޔަފާރިވެރިންގެ ޖީލެއް ބިނާކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއްކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހަޅައިފައިވަނީ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
އެ ބަޖެޓު ހުށަހަޅުއްވަމުން މިނިސްޓަރު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގެ ހުރިހާ އަސާސެއް ބިނާކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ކުރައްސަވައިފާ 2040 ވަނަ އަހަރު އަންނައިރު ތަރައްގީވެފައިވާ ގައުމަކަށް ރާއްޖެ ހެދުމުގެ މަގު ޗާޓެއްގެ ގޮތުގައެވެ.
އަންނަ އަހަރުގައި އާމްދަނީ އިތުރުކުރުމަށް އެއްވެސް ޓެކުހެއް މަތިނުކުރުމަށް ނިންމައިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އޭގެ ބަދަލުގައި ދައުލަތުގެ ޓެކުހެގެ ނިޒާމު ހަރުދަނާކޮށް މިހާރު ހުރި ލޫޕް ހޯލްސްތައް ބައްދައި ޒަމާނީ އީ އިންވޮއިސް ނިޒާމެއް ގާާއިމްކުރަން ނިންމައިފައިވާކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި ހިމެނޭނީ ޒަމާނީ އުމްރާނީ ވަސީލަތްތަކާއި، ޒަމާނީ ދަތުރުފަތުރުގެ ނިޒާމާއި، ޒަމާނީ ސިއްހީ ހިދުމަތާއި، ފެންވަރު ރަނގަޅު ތައުލީމާއި އިޖުތިމާއީ ރައްކާތެރިކަމުގެ އިތުރުން ހަމަހަމަ ފުރުސަތުތައްކަމަށެވެ.
ޖުމުލަކޮށް އަންނަ އަހަރުގެ ބަޖެޓު ވާނީ ދިވެހިންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމުގެ ވަށާޖެހޭ ނިޒާމެއް ގާއިމްކުރެވޭނެ ބަޖެޓަކަށްކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިހުރިހާ ކުރިއެރުމެއް ވެސް ހޯދާނީ ދިވެހިންގެ އަމިއްލަ ވަންތަކަމާ އެއްބައިވަންތަކަމާ މިނިވަންކަން ހިމަޔަތްކުރެވިރެވިފައި މާހައުލެއްގައިކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް