ޖިންސީ ގޯނާގެ ތުހުމަތުގައި ހައްޔަރުކުރި ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައިފި
ލިޔުންތެރިޔާ
ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު ޝާހިދު.
އުމުރުން 18 އަހަރުން ދަށުގެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގަައި ހައްޔަރު ކުރި އެމްޑީޕީގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދުގެ ބަންދަށް ކްރިމިނަލް ކޯޓުން 30 ދުވަސް ޖަހައިފި އެވެ.
ޝާހިދުގެ މައްޗަށް ކުރެވޭ ތުހުމަތުގައި ހޯމަ ދުވަހުގެ ރޭ ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފައި އެވެ. ޝާހިދު ހައްޔަރު ކުރީ ހުޅުމާލޭގައި އޭނާ ދިރިއުޅުއްވަމުން އަންނަ ފްލެޓުންނެވެ. އެއަށް ފަހު ފުލުހުންގެ ބެލުމުގެ ދަށުން ޝާހިދު ގެންދިޔައީ ދޫނިދޫ ޖަލަށެވެ. ޝާހިދުގެ ބަންދާ މެދު ގޮތެއް ނިންމުމަށް އަންގާރަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުން، އޭނާގެ ބަންދަށް ވަނީ 30 ދުވަސް ޖަހައިފަ އެވެ.
ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ޝާހިދު ހައްޔަރު ކޮށްފައިވާއިރު، ހައްޔަރު ކުރުމުގެ ކުޑަ ވަގުތު ކޮޅެއް ކުރިން ޝާހިދު ވަނީ އޭނާގެ އެކްސް އެކައުންޓުގައި ޕޯސްޓެއް ކުރައްވައިފަ އެވެ. އެ ޕޯސްޓުގަައި ޝާހިދު ވަނީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް ތުހުމަތު ތަކެއް ކަމަށް ވިދާޅުވެފައި އެވެ.
ފުލުހުން ޝާހިދު ހައްޔަރު ކޮށްފައިވާއިރު، އޭނާ އަކީ އެމްޑީޕީގެ ސަރުކާރުގައި ފޮރިން މިިނިސްޓަރުގެ މަޤާމު ވެސް ފުރުއްވި ބޭފުޅާ އެވެ. އަދި އޭނާ ވަނީ އެ ދައުރުގެ ތެރޭގައި އދ.ގެ އާންމު މަޖިލީހުގެ ރައީސްކަން ކުރައްވައިފަ އެވެ. ޝާހިދު އަކީ އެ މަޤާމު އަދާކުރެއްވި ފުރަތަމަ ދިވެއްސެވެ. އޭގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ޝާހިދު މަސައްކަތް ކުރެއްވިއިރު، އޭނާ ވަނީ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވައިފަ އެވެ.
ޝާހިދު ވަނީ ކުރިއަށް އޮތް 2028 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޕްރައިމަރީގައު ވާދަކުރައްވާނެކަން އިއުލާން ކުރައްވައި، އެކަމުގެ ކެމްޕެއިން ވެސް ފައްޓަވައިފަ އެވެ. ޝާހިދު އަކީ ރިޔާސީ ރޭހުގެ ކެމްޕެއިން ރަސްމީކޮށް ފެއްޓެވި ފުރަތަމަ ބޭފުޅާ އެވެ. އެމްޑީޕީގެ ރައީސްގެ މަޤާމުން އޭނާ އިސްތިއުފާ ދެއްވީ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް